ފަހުބަސް ....
ޤުނޫތު އާއި މެދު ........
ކުރީ ބަޔާ ގުޅޭ ........
ދެންފަހެ ފަތިސްނަމާދުގެ ފަހުރަކްޢަތުގައި ދާއިމީ ގޮތެއްގައި، ނަމާދުގެ ބަޔަކަށް ހަދައިގެން ޤުނޫތު ކިޔުން، ކުރިން މިބަޔާންކުރި އަޅުކަމުގެ ގަވާއިދަށް އަދި އޭގެ ހަމަތަކަށް ބެލީމާ އޮންނަނީ ކިހިނެއްތޯއެވެ؟
1- ފަޟީލަތުއްޝައިޚުލްއުސްތާޛު މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވީ ރަސޫލު الله صلى الله عليه وسلم ފަތިސްނަމާދުގައި ދާއިމީ ގޮތެއްގައި ޤުނޫތު ވިދާޅުވިކަން ޘާބިތު ނުވާކަމަށެވެ.
2- ދަކްތޫރު ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވިދާޅުވީ ރަސޫލު الله صلى الله عليه وسلم ފަތިސްނަމާދުގައި ދާއިމީ ގޮތެއްގައި ޤުނޫތު ވިދާޅުވިކަން ޘާބިތު ނުވާކަމަށެވެ.
3- އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު (ވިލުފުށި) ވިދާޅުވީވެސް ހަމަ އެފަދައިންނެވެ.
ދިވެހި ޓީވީގައި މިބޭފުޅުން ވާހަކަފުޅު ދެއްކެވުމުގައި، އަދި ފަޟީލަތުއްޝައިޚުލްއުސްތާޛު މުޙައްމަދު ރަޝީދު އިބްރާހީމްގެ ނޫސްބަޔާނުގައިވެސް އެވާހަކަ ވިދާޅުވި ނޫންތޯއެވެ؟ އަބްޢާޟު ސުންނަތެއް ނޫންކަމުގައި ވިދާޅުވިއެވެ. މިއީ މިވަގުތު ދީނީ ނަވުގެ ހުންގާނުގޭގައި ތިއްބެވި ބޭފުޅުންނެވެ. ދެން ބޭރުގެ ޝަޚްޞިއްޔަތްތަކަށް ބަލައިލާއިރު އެންމެ ފުރަތަމަ:
1- އަޞްޙާބު ބޭކަލުންނެވެ. މާލިކުލްއުޝްޙަޢީގެ ބައްޕަ ވިދާޅުވީ ބިދުޢައެކެވެ.
2- އަދިވެސް ކިތަންމެ ތާބިޢީންނެއް އަދި ޢާލިމުންނެއްވެސް ވިދާޅުވީ ބިދުޢައެކެވެ.
3- ސަމާޙަތުލްޝައިޚު ޢަބްދުﷲ ބްނު ޢަބްދުލްޢަޒީޒު ބްނު ބާޒު ވިދާޅުވީ އެއީ ބިދުޢައެއްކަމަށެވެ. އެއީ ބާރަށު ޖަޢުފަރު އަޙްމަދު ކުރެއްވި ސުވާލުގެ ޖަވާބުގައި ވިދާޅުވީ އެއީ (އެބަހީ: ފަތިސްނަމާދުގައި ދާއިމީ ގޮތެއްގައި ޤުނޫތު ކިޔުން) ރަސޫލު الله صلى الله عليه وسلم ގެ އަރިހުން ޘާބިތު ނުވާ ކަމެއް ކަމުގައެވެ. މި ޝައިޚު އިބްނު ބާޒު މިއީ އަލްމަމްލަކަތުލް ޢަރަބިއްޔަތުލްސުޢޫދިއްޔާގެ މުޅިދުނިޔެއަށް ފަތުވާ ދެއްވާ ކޮމެޓީގެ ރައީސެވެ.
4- އަދި މުޅި ދުނިޔެއަށް މަޝްހޫރުވެގެންވާ ޝައިޚުލްއިސްލާމު އިބްނު ތައިމިޔާ އަކީ ވެސް "ދިވެހި ބައެއް ޢާލިމުންނަށް އެނގޭވަރަށް ނޭގުނަސް ކޮންމެވެސް ވަރެއް ދަންނަ މީހެއްކަމުގައި ފެނެއެވެ". މުޅިދުނިޔޭގެ އިސްލާމީ ޢާލަމްގައި ޝައިޚުލްއިސްލާމްގެ ނަމުން މަޝްހޫރު ވެގެންވާ ބޮޑު ޢާލިމް އެކެވެ. އެހެން ހުރިހާ ޢާލިމުން ރާޖިޢު ކުރާނެ ގިނަ ފޮތް ލިއުއްވި މިބޮޑު ޢާލިމުގެ ތިރީސް އެތައް މުޖައްލަދަކުން އެކުލެވިގެންވާ މަޝްހޫރު މަޖްމޫޢް ފަތާވާގައި މި ޤުނޫތު ކިޔުމުގެ ގޮތުން އަރައިގެންއުޅޭ ޝައްކާއި ވަހުމް އޮޅުން ފިލުވައިދެއްވާ ލިޔުއްވާފައިވާ ބަޔާން އަޅުގަނޑު ތިޔަބޭފުޅުންނަށް ގެނެސް މިދެނީ މި މަޢުޟޫޢުގައި ދެން އެހެން މީހަކު އެހެން ވާހަކައެއް ދައްކަން ނުޖެހޭނެ ކަމަށެވެ. އެއީ މި ޚިލާފުތަކުގެ "ފައިނަލް" ޖަވާބެވެ.
މިއީ ޤުނޫތު ކިޔުމުގެ ފަތްވާއެއްގެ ގޮތުން ޝައިޚުލްއިސްލާމް ލިއުއްވާފައިވާ ބަޔާނުގެ ތަރުޖަމާއެވެ:
ސުނަނު ފޮތްތަކުގައި ވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނު (ޔަޢްނީ ރަސޫލު الله صلى الله عليه وسلم) ފަރުޟު ފަސްނަމާދުގައި ޤުނޫތު ވިދާޅުވިކަމުގައި ވެއެވެ. އަދި އެކަލޭގެފާނު ގިނައިން ޤުނޫތު ވިދާޅުވިކަމުގައިވަނީ ފަތިސް ނަމާދުގައެވެ. އަދި ފަތިސް ނަމާދުގައިވިޔަސް އަދި އެހެން ނަމާދެއްގައިވެސް އެކަލޭގެފާނު ދާއިމީ ގޮތެއްގައި ޤުނޫތު ވިދާޅުވާކަމުގައި ނުވެއެވެ. އަދި ކިއެއްހެއްޔެވެ؟ ޞަޙީޙައިން ގައި (ޞަޙީހުލް ބުޚާރީއާއި ޞަޙީޙު މުސްލިމްގައި) އަނަސްގެފާނުގެ އަރިއަހުން ރިވާ ވެގެން ވެއެވެ. "لم يقنت بعد الركوع إلا شهرا" އެބަހީ: "ރުކޫޢުގެ ފަހުގައި އެންމެ މައްސަރެއްގައި މެނުވީ އެކަލޭގެފާނު ޤުނޫތު ވިދާޅުނުވެއެވެ" މިއެވެ. ފަހެ އަލްޙާކިމް އާއި އެހެނިހެން ބޭކަލުން އަނަސް ރަޟިޔަﷲ ޢަންހު ވިދާޅުވި ކަމުގައި އައްރަބީޢު ބުނު އަނަސްގެ އަރިހުން ރިވާ ކުރައްވާފައިވާ ޙަދީޘްއެއް ކަމުގައިވާ "ما زال يقنت حتى فارق الدنيا" މި ޙަދީޘްއަކީ ރުކޫޢުގެ ކުރީގައި އެކަލޭގެފާނު ޤުނޫތު ކުރައްވާކަމުގައި ވިދާޅުވެފައިވާ ވާހަކަތަކުގެ ސިޔާޤުގައި އެ މައުޟޫޢުގައި ގެންނަވާފައިވާ ޙަދީޘްއެކެވެ. މިޙަދީޘްގެ މާނައަކީ އެކަލޭގެފާނު ދުނިޔެއިން ވަކިވެވަޑައިގެންފުމަށް ދާންދެން ޤުނޫތު ކުރެއްވުމުން ފިލާ ނުދެއެވެ. އެބަހީ: އެކަލޭގެފާނު ދުނިޔެއިން ވަކިވެވަޑައިގެންފުމަށް ދާންދެން ފަތިސް ނަމާދުގެ ޤިޔާމުގައި ކިޔަވާ ވިދާޅުވުން ދިގުކުރެއްވުމުން ފިލާނުދެއެވެ. މިއެވެ. މިޙަދީޘް ޞައްޙަ ޙަދީޘް އަކާ ތަޢާރުޟު ވާނަމަ (އެބަހީ: ޖެހޭގޮތްވާނަމަ – ނުވަތަ ޚިލާފު ވާނަމަ) މިޙަދީޘްގެ ފަރާތަށް އެނބުރި ބަލައިވެސް ނުލެވޭނެއެވެ. އެހެނީ ރަބީޢު ބުނު އަނަސް، މިކަލޭގެފާނަކީ ޞަޙީޙް މީހުންގެ ތެރެއިންވާ ބޭކަލެއްނޫނެވެ. އަދި މި ޙަދީޘް، ޞަޙީޙް އާއި ތަޢާރުޟު ނުވެއެވެ. ނުޖެހެއެވެ. މިހެނީ އެ ޙަދީޘްގެ މާނައަކީ ހަމަކަށަވަރުން އެކަލޭގެފާނު ދާއިމީ ގޮތެއްގައި ފަތިސް ނަމާދުގައި ރުކޫޢުގެ ކުރިން ޤިޔާމުގައި ކިޔަވާ ވިދާޅުވުން ދިގުކުރައްވައެވެ. އެއީ މުޅިން އެހެން މައްސަލައެކެވެ.
އަދި ދަންނައެ! ހަމަކަށަވަރުން އެކަލޭގެފާނު ފަތިސް ނަމާދުގެ ރުކޫޢުގެ ކުރީގައި ވިޔަސް އަދި ރުކޫޢުގެ ފަހުގައި ވިޔަސް މީހުންނަށް އިވޭ ފަދައަކުން ވިޔަސް ނުވަތަ ނުއިވޭ ފަދައަކުންވިޔަސް ދުޢާ އެއް (ދާއިމީގޮތަށް) ކުރައްވާ ވާހަކަ ބުނާ ބުނުން އެއީ ބާޠިލު ވާހަކައެކެވެ. ޞައްޙަ ޙަދީޘްތަކަށް ރަނގަޅަށް ވިސްނާ ފިކުރުކުރި މީހަކަށްވިއްޔާ މިގޮތް އެނގުން މަޖުބޫރުވާނެއެވެ. އަދި އެކަމަކީ ޤަވާޢިދުން ވާޤިޢުވެފައި ވާކަމެއްނަމަ (އެބަހީ ހިނގަމުން އަންނަ ކަމެއްނަމަ) ހަމަކަށަވަރުން އަޞްޙާބު ބޭކަލުންނާ ތާބިޢީ ބޭކަލުން އެކަން ތަފްޞީލުކޮށް އަހުރެމެންނާއި ހަމަޔަށް ގެނެސްދެއްވީސްކަން ކަށަވަރެވެ. އެމަޝްރޫޢުވީ ޤުނޫތު، އަހުރެމެންނާ ހަމަޔަށް ގެނެސްދެއްވުމުގައި އިހުމާލު ނުކުރެއްވީހެވެ. އެހެނީ މަޝްރޫޢުވެގެން ނުވާ ޤުނޫތުވެސް އެބޭކަލުން ވަނީ ގެނެސްދެއްވާފައެވެ. އަދި މަޝްރޫޢު ވާކަން ކަށަވަރީ އޭގެ ނަޡީރު އެވެ. އެއާ އެއްފަދަ ޤުނޫތެވެ. (އެއާ އެއްފަދަ ކަންކަމުގައި އެކަމަކާ ގުޅޭ ޤުނޫތެވެ.) މިހެނީ ހަމަކަށަވަރުން އެވެނި ބަޔަކަށް ރަޙްމަތްލެއްވުމަށް ދުޢާ ކުރެއްވުމާއި އަދި އަނެއް ބައެއްގެ މައްޗަށް ލަޢުނަތް ލެއްވުމަށް ދުޢާ ކުރެއްވި ދުޢާ މަޝްރޫޢު ވެގެން ނުވާކަމުގައި މުސްލިމުން އިއްތިފާޤުވެއެވެ. އަދި ކިއެއްތޯއެވ! މަޝްރޫޢު ވެގެންވަނީ އެފަދަ ޤުނޫތެވެ. މުއުމިނުންނަށް ބޮޑެތި ބަލާ މުޞީބަތެއް ޖެހުނީމާ ޤުނޫތު ކިޔުން ޝަރްޢުވެގެން ވެއެވެ. އަދި ފަތިސް ނަމާދާއި އެހެނިހެން ނަމާދުގައިވެސް ކާފިރުން ހަލާކު ކުރެއްވުމަށް ދުޢާ ކުރުން ހުއްޓެވެ. ޢުމަރުގެފާނު ނަޞާރާ އިންނާ ހަނގުރާމަ ކުރެއްވިއިރު މިފަދައިން ވިދާޅުވެ ކާފިރު އަހްލުކިތާބިންނަށް ލަޢުނަތް ލެއްވުމަށް އެދިވަޑައިގެން ޤުނޫތު ވިދާޅުވިއެވެ. އެއީ "اللهم العن كفرة أهل الكتاب" މިހިސާބުން މިފަތުވާގެ ތަރުޖަމާ ނިމުނީއެވެ.
(މަޖްމޫޢުފަތާވާ އިބުނު ތައިމިއްޔާގެ 22 ވަނަ މުޖައްލަދުގެ 269، 270 މިދެ ޞަފްޙާ)
طبع: بِأَمْرِ خَادِمِ الْحَرَمَيْنِ الشَّرِيْفَيْنِ حَضْرَةُ صَاحِبُ الْجَلاَلَةُ الْمَلِكُ فَهُدُ بُن عَبْدُ الْعَزِيْز آلُ السُّعُوْدُ – أَشْرَفَ الرِّيَاسَةُ الْعَامَّةُ لِشُؤُوْنِ الْحَرَمَيْنِ الشَّرِيْفَيْنِ
ޝައިޚުލް އިސްލާމުގެ މިބަޔާނަކީ މި ޤުނޫތު ކިޔުމާމެދު އަރައިގެންއުޅޭ އޮޅުންތައް އެކަށް ސާފުކޮށްދޭ ބަޔާނެކެވެ. އެކަލޭގެފާނު އެވިދާޅުވަނީ ޞަރީޙަ ޢިބާރާތުން އަދި އެ ބަޔާން ކުރައްވަނީ ފަތިސްނަމާދުގެ ބަޔަކަށް ހައްދަވައިގެން ރަސޫލު الله صلى الله عليه وسلم އަވަހާރަވަންދެން ޤުނޫތު ވިދާޅުވިކަމަށް އެދެކެވޭ ވާހަކަ އެއީ ހަމަ ބާޠިލު ވާހަކައެއް ކަމެވެ. އެއީ އެކަލޭގެފާނު ދާއިމީ ގޮތެއްގައި ކުރެއްވި ކަމެއް ނޫންކަމެވެ. އެގޮތަކީ އަވަހާރަވަންދެންޤުނޫތު ވިދާޅުވިކަމަށް އޮތް ހަދީޘް ގެންނަވާފައި އެވަނީ އަނަސް ބްނު މާލިކުގެ އަރިހުންނެވެ. ޢާޞިމު ބްނު ސުލައިމާނު ވިދާޅުވަނީ: "އަނަސްގެފާނަށް އަހުރެމެން ދެންނެވީމެވެ. ރަސޫލު الله صلى الله عليه وسلم އަވަހާރަވަންދެން ފަތިސްނަމާދުގައި ޤުނޫތު ވިދާޅުވިކަމަށް ބައެއް މީހުން އެބަހީކުރެއެވެ. އެއީ ތެދެއްތޯއެވެ؟" އޭގެ ޖަވާބުގައި އަނަސްގެފާނު ވިދާޅުވީ އެބައިމީހުން ދޮގުހަދަނީ ކަމަށެވެ. ހަމަކަށަވަރުން ރަސޫލު الله صلى الله عليه وسلم ޤުނޫތު ވިދާޅުވީ ހަމަ އެއްމެ މައްސަރެއްގައެވެ. އެއީ ޢަރަބީންގެ ޤަބީލަތަކުން ނުވަތަ އަވަށްތަކުން އަވަށެއްގެ ބައެއްގެ މައްޗަށް ބަދު ދުޢާ ކުރެއްވުމުގެ ގޮތުންނެވެ. އެވާހަކަ މިވަނީ އަލްއިމާމު އަޙްމަދުގެ މުސްނަދުގައި އަންނަނިވި ފަދައިންނެވެ.
"عَنْ عَاصِمُ بنُ سُلَيْمَان قَالَ قُلْنَا لِأَنَسِ بْنِ مَالِكٍ – إِنَّ قَوْمًا يَزْعُمُوْنَ أَنَّ النَِّبي صلى اللهُ عَلَيْهِ وَسَلَّمَ مَا زَالَ يَقْنُتُ فِي الْفَجْرِ. قَالَ كَذَبُوْا وَإِنَّمَا قَنَتَ رَسُوْل اللهِ صلى اللهُ عَلَيْهِ وَسَلَّمَ شَهْرًا وَاحِدًا يَدْعُوْ عَلَي حَيٍّ مِنْ أَحْيَاءِ الْعَرَبِ" މިއެވެ. މިވާހަކަ މުސްނަދު އަޙްމަދުގެ ޝަރަޙަ، ފަތްޙުއްރައްބާނީގެ ދެވަނަ މުޖައްލަދުގެ ތިންވަނަ ޖުޒްއުގެ 304 ވަނަ ޞަފްޙަތުގައި ވެއެވެ. އަދި ސީދާ މުސްނަދު އަޙްމަދުގެ 698 ވަނަ ޙަދީޘް އާއި 699 ވަނަ ޙަދީޘްގައި ވަރަށް ރަނގަޅަށް ވެއެވެ. ދެން އަނެއްކަމަކީ އެ ޙަދީޘްގައި ގެންނެވި ރަބީޢު ބްނު އަނަސް އެއީ ޟަޢީފް މީހެކެވެ. "ދެ އަނަސް އޮޅެނީއެވެ". މިއީ އަޞްޙާބު ބޭކަލެއް ނޫނެވެ. އަނަސް ބްނު މާލިކުގެފާނު އެއީ އަޞްޙާބު ބޭކަލެކެވެ. މިކަލޭގެފާނު ވިދާޅުވަނީ އެއީ ދޮގެއް ކަމަށެވެ. އަދި އިބްނު ތައިމިއްޔާ އެވަނީ އެބުނާ ޟައިފް ޙަދީޘް ކަމުގައިވާ "ما زال يقنت ....." މި ޙާދީޘްގެ މާނަވެސް އަދި އެއިން އިދެވޭ މުރާދުވެސް ލިޔެ ނިންމާފައެވެ. އަނަސް ބްނު މާލިކު އެއީ އެ ޙަދީޘް ރިވާކުރެއްވި ރާވީ އެވެ. އެކަލޭގެފާނު އެވިދާޅުވަނީ އެއީ ދޮގެއް ކަމަށެވެ. ދެން އަހުރެމެން އެއީ ތެދެއްކަމަށް ބުނަން ޙައްޤުވާނީ ކޮންފަދައަކުން ބާވައެވެ. ޞަޙީހުލް ބިޚާރީއަށް ނިސްބަތް ކޮށްގެންނާއެކު ދޮގުތައް ހަދަންވާނީ ކޮންފަދައަކުން ހެއްޔެވެ. ނުވާނެކަން ކަށަވަރެވެ. މިވަރުން ނުވިސްނުނު ބަޔަކަށް ދެން ވިސްނޭނެ ގޮތަކީ ކޮބައިބާވައެވެ؟ ވީމާ ދިވެހި ޝައިޚުންގެ ބަސްފުޅުތަކުންނާއި ދުނިޔޭގެ ބޮޑެތި ޢާލިމުންގެ ބަސްފުޅުތަކުން އެނގުނީ ފަތިސްނަމާދުގައި ނަމާދުގެ ބަޔަކަށް ހަދައިގެން ފަހު ރަކްޢަތުގެ ރުކޫޢަށް ފަހު ދާއިމީގޮތަށް ޤުނޫތު ކިޔުން ޘާބިތު ނުވާކަމެވެ. އަދި އެހެން ކިޔާ ބަޔަކު އެހަދަނީ ދޮގެއްކަމެވެ. ނުވަތަ އެބަޔަކަށް އޮޅިގެން އުޅެނީ ކަމަށެވެ.
ދެން އޮތީ ޘާބިތުނުވާ ކަމެއްކަން އެނގި އެގޮތް ރަނގަޅަށް ފާޅުވީމާ އެފަދަ ކަންތައްތައް އަޅުކަމުގެ ތެރޭގައި ކުރުމުގެ މައްސަލައެވެ. ޢިލްމުލްޙަދީޘް އާއި ދެން އަދި އުޞޫލުލްފިޤުހުގެ ޢިލްމުވެރިންނާއި، އަދިވެސް އެހެން ޢާލިމުން ވިދާޅުވާ ފަދައިން އަޅުކަމަކީ ޘާބިތު ނުވާކަމެއް އެއަޅުކަމުގެ ތެރޭގައި ގަޞްދުގައި ކުރުމުން އެކުރާ އަޅުކަން ޞައްޙަ ނުވާނެ ކަމަށެވެ. އެއީ އެންމެން ދަންނަންވާނޭ ކަމެކެވެ. ބަޔަކު ތާކު ކުރެޔޭ، އަދި އެކަމާ ބަޔަކު އަޅައެއް ނުލަޔޭ ކިޔައިގެން އެކަން ކުރާކަށް ނުވާނެއެވެ. އެއީ އެކަން ޞައްޙަކަމުގެ ދަލީލެއް ނޫނެވެ. ޞައްޙަ ދަލީލަކަށްވާނީ ޞައްޙަ ސަނަދަކުން ޘާބިތުވާ ދަލީލެކެވެ. .............. ނުނިމޭ
No comments:
Post a Comment