Wednesday, July 15, 2009

ޒިނޭ އާއި ގާތް ނުވާށެވެ. އޭރުން ހައްދެއް ނުޖަހާނެއެވެ!


މައުމޫން ފަހުމީ-

ދެފަހަރެއްގެ މަތިން ދެ ފިރިހެނަކާއި ޒިނޭކުރިކަމަށް އިޢުތިރާފްވުމުން މިމަހުގެ 5ވަނަ ދުވަހު އުމުރުން 18 އަހަރުގެ އަންހެންކުއްޖެއްގެ ގައިގައި 100 އެތިފަހަރުން ހައްދު ޖެހުމުން އެކުއްޖާ ހޭނެތިގެން ވެއްޓުން ކަމަށްބުނެ ހައްދު ޖެހުން އެއީ ވަރަށް ލާއިންސާނީ، އަނިޔާވެރި ޢަމަލެއް ކަމަށްބުނެ އަނިޔާކުރުމާއި ލާއިންސާނީ ޢަމަލްތައް މަނާކުރާ މުޢާހަދާތަކުގައި ދިވަހި ސަރުކާރު ސޮއިކޮށްފައިވާކަމަށާއި ހައްދު ޖެހުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާ އެމްނެސްޓީ އިންޓަރނޭޝަނަލްއިން ފޮނުވި ސިޓީއެއްގެ ވާހަކަ މީޑިއާގައި ދަނީ ދެކެވެމުންނެވެ.

~ މުޢާހަދާތައް

ދިވެހިރާއްޖެ ސޮއިކޮށްފައިވާ އެންމެ މަޝްހޫރު އެއް މުޢާހަދާ ކަމުގައިވާ ”ޔުނިވާރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް“ ގައި ބުނާގޮތުން އެމީހަކު ބޭނުން ދީނެއް އިޚްތިޔާރު ކުރުމަކީ ހަމަ ކޮންމެ އިންސާނަކަށްމެ ލިބިގެންވާ ޙައްޤެކެވެ. ދިވެހިން ޚިޔާރު ކޮށްފައިވާ ދީނަކީ އިސްލާމް ދީނެވެ. އެހެންކަމުން އެ ދީނުގެ ޙުކުމްތައް އެ ދީން ޚިޔާރުކުރާ ބަޔަކަށް ޤާއިމް ކުރެވެން ޖެހޭނެއެވެ. މީގެއިތުރުން އިންސާނީ ޙައްޤުތަކުގެ ދާއިރާގައި ރާއްޖެ ހޯދަމުންދާ ކުރިއެރުން މުޅި ދުނިޔެއިންވެސް ދަނީ ފާހަގަ ކުރަމުންނެވެ. ޙައްދު ޖަހާ ވާހަކައެއް އެފަރާތްތަކުން ފާހަގައެއް ނުކުރެއެވެ. އަދި 2011އިން 2013އަށް އ.ދ. ގެ އިންސާނީ ޙައްޤު ތަކާއިބެހޭ ކައުންސިލްގެ ގޮނޑިއަކަށް ރާއްޖެ ކުރިމަތިލާފައިވާއިރު، މި ގޮނޑި އާއި މެދު އުއްމީދު ބޮޑުކަމަށް ފޮރިން މިނިސްޓަރ ޑރ. ޝަހީދު ވަނީ ވިދާޅުވެފައެވެ.

އެމްނެސްޓީން އެބުނާ މުޢާހަދާއެއްގައި އެބުނަނީ އަނިޔާ ކުރުމާއި ލާއިންސާނީ ހުރިހާ ޢަމަލެއް މަނާކުރާ ވާހަކައެވެ. ކަނޑައެޅިގެން ޒިނޭ ކުރުމުން ހައްދު ޖެހުން އެ މުޢާހަދާގެ ދަށުގައި ހިމެނޭކަން އެފަރާތަށް ސާބިތުކޮށެއް ނުދެވެއެވެ. އެހެންނޫނަސް ”ޔުނިވާރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް“ އިން އަހަރެމެންނަށް ދީނުގެ މިނިވަންކަން ލިބިދެއެވެ.

~ ހައްދު ޖެހުމާއި ހަމައަށް ދަނީ ކީއްވެ؟

އިސްލާމް ދީނުގައި ޒިނޭގެ އިތުރުން ޒިނޭ އަށް މަގުފަހިވާ އެންމެހާ ކަންތައްތަކެއްވެސް ޙަރާމް ކުރައްވާފައިވާކަން ދީނުގެ މަޢުލޫމާތު ކުޑަކޮށްވެސް ދަންނަ މީހަކަށްވިއްޔާ އިނގޭނެ އެވެ.

ދީނީ ޢިލްމުވެރިން ވިދާޅުވާގޮތުގައި ހިލޭ އަންހެނަކާއި ފިރިހެނަކާއި އެކަހެރިކޮށް ބައްދަލުކޮށްހެދުން ފަދަ ކަންކަމަކީ ޒިނޭއަށް މަގުފަހިވާ ކަންކަމެވެ. މީގެއިތުރުން ޒިނޭގެ ކޮންމެ މައްސަލައަކަށް ބަލާލިނަމަވެސް އިނގެނީ މިކަން ފެށެނީ ”މަތިމަތިން“ ކަމެވެ. ”ހަރުފަތަކަށްފަހު ހަރުފަތެއް“ ގިރާކުރަމުންގޮސް ސީދާ ޒިނޭ އާއި ހަމައަށް ދަނީ އެންމެ ފަހުންނެވެ. އޭރުވެސް މި އޮންނަނީ އެތައް ބަދުއަޚުލާޤީ ޢަމަލެއް ހިންގިފައެވެ. ތަފާސްހިސާބާއި ޙަވާލާދީ މީޑިއާގައި ފާހަގަކޮށްފައިވާ ގޮތުގައި ޒިނޭކޮށްގެން އަދަބު ލިބިފައިވާ ގިނަ މީހުންނަކީ އަންހެނުންނެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ޒިނޭ ކުރުމުގައި ”ގޯހެއް ހިނގައިފިނަމަ“ ބަލިވެ އިންނަނީ އަންހެން މީހާއެވެ. ހަތަރު ފިރިހެނުންގެ ހެކިބަހުން ނުވަތަ އިޢުތިރާފުން ނޫންގޮތަކަށް ފިރިހެން މީހާގެ މައްޗަށް ކުށް ސާބިތެއް ނުވާނެއެވެ. ދުނިޔެ މަތީގައި ފިރިހެނާއަށް އަދަބުން ސަލާމަތް ވެވިދާނެއެވެ. ނަމަވެސް އާޚިރަތުގައި ވޭންދެނިވި ޢަޛާބާއި ކުރިމަތިލާންޖެހޭކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ! ކޮންމެގޮތެއްވިޔަސް ދުނިޔެ މަތީގައި ގިނަ ފަހަރަށް އަދަބު ލިބެނީ އަންހެން މީހާ އަށެވެ. ނަމަވެސް އަހަރެމެންނަކީ މުސްލިމުންނަށް ވީހިނދު ފާހަގަ ކުރަންޖެހޭ ވަރަށް މުހިއްމުކަމެއް އެބައޮތެވެ. އެއީ ދުނިޔެމަތީގައި އަދަބު ލިބި ތައުބާ ވެއްޖެނަމަ އާޚިރަތުގައި އެމީހަކަށް ޢަޛާބު ނުދެއްވާނެކަމެވެ. ގިނަ ޢިލްމުވެރިން މިހެން ވިދާޅުވެއެވެ. ޖަމްޢިއްޔަތުއްސަލަފްގެ ރައީސް ޝޭޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވެސް ވިދާޅުވީ ދުނިޔެމަތީގައި ކުށުގެ އަދަބު ލިބިއްޖެނަމަ އާޚިރަތުގައި އެމީހަކަށް ދެވަނަ ފަހަރަށް އާޚިރަތުގައި އަޛާބު ނުދެއްވާނެކަމަށާއި މިކަން ސާބިތުވާ ގިނަ ދަލީލުތައް އެބަހުރިކަމަށެވެ.

ސުވާލަކީ ކަން އޮތްގޮތާއި ހިނގާފާނެ ކަންކަން ރަނގަޅަށް އެނގިހުރެ ފިރިހެނަކާއި އެކު އެކަނި ކޮޓަރި އަކަށް ދާންވީ ކީއްވެހެއްޔެވެ؟ މުސްލިމަކަށްވެހުރެ އީމާން ވެއްޖައީމޭ ބުނެ ހުރެ މާތްﷲ ޙަރާމް ކުރައްވާފައިވާ ފާފަތަކުގެ ތެރެއިން ބޮޑު ފާފައަކަށް އަރައިގަންނަންވީ ކީއްވެހެއްޔެވެ؟ ދެމީހުން ރުހިގެން ޒިނޭ ކުރާ ހިނދު ބަލިވެ އިނދެފިނަމަ އަންހެނާއަށް ހަމަ ކަނޑައެޅިގެންވެސް މި ދުނިޔެމަތީގައި އަދަބު ލިބޭނެކަން އިނގެއެވެ. އެހެންކަމުން މައްސަލައިގެ ޙައްލަކީ ޒިނޭ ކުރުން ފަދަ ފާޙިޝް ޢަމަލް ތަކުން ދުރުވެ، އިސްލާމީ ރިވެތި އުޞޫލްތަކާއި އެއްގޮތްވާ ގޮތުގެމަތިން ދިރިއުޅުން ބިނާކުރުމުވެ. އޭރުން ހައްދު ޖެހުމުގެ ވާހަކަ ދައްކާކަށް ނުޖެހޭނެއެވެ. އީމާންވެއްޖަޢިމޭ ބުނެހުރެ ޒިނޭކުރުން މައްސަލައަކަށްނުވެއެވެ. މައްސަލައަކަށްމިވަނީ އެކަމުގެ އަދަބު ލިބުމެވެ.

~ ލާއިންސާނީ، އަނިޔާވެރިވުމަކީ ކޮބާ؟

މީހަކު ވައްކަން ކޮށް އަނެއް މީހާ ޢުމުރު ދުއްވާލައިގެން ހޯދާފައިވާ މުދާކޮޅު ނަގުން އެއީ އަނިޔާވެރިކަމަކަށް ނުވެއެވެ. އަނިޔާވެރިވިކަމަށްވަނީ ކުށްވެރިޔާގެ އަތްބުރި ކުރުމުންނެވެ. މީހަކު ކިތަންމެ ގިނަ ބަޔަކު މެރިޔަސް އެއީ ލާއިންސާނީ ޢަމަލަކަށް ނުވެއެވެ. އޭނާ މަރާލި މީހުންނަށް ދިރުހުރުމުގެ ޙައްޤު ލިބިގެންނެއް ނުވެއެވެ. ނަމަވެސް ލާއިންސާނީ ޢަމަލަކަށްވަނީ ކުށްވެރިޔާއަށް މަރުގެ އަދަބުދެވޭ ހިސާބުންނެވެ.

ޒިނޭ ކޮށްގެން ލިބޭ ނަޙަލާލް ކުއްޖަކަށް ނަފްސާނީ ގޮތުންނާއި އެހެނިހެންވެސް ގޮތްގޮތުން ދިމާވާނެ މައްސަލަތަކާއި މެދު ވިސްނާލަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯއެވެ. ބައްޕައެއްނެތި، ބައްޕައެއްގެ ލޯބި ނުލިބި، ގިނަ ފަހަރަށް މަންމަގެ ފަރާތުންވެސް މާބޮޑު އަޅާލުމެއް ނެތި މިފަދަ ކުދިންނަށް ވަރަށް ބޮޑެތި ނަފްސާނީ މައްސަލަތަކާއި ކުރިމަތިލާންޖެހެއެވެ. އެފަދަ ކުދިން ވެގެން ދަނީ މުޅި ޢާއިލާއަށްވެސް ހުރި ލަދަކަށެވެ. އެހެންކަމުން އާއިލާ ތެރޭގައިވެސް އެފަދަ ކުދިންނަށް މާބޮޑު އަޅާލުމެއް ނުލިބެއެވެ. ޙަޤީޤަތުގައި އެ ކުއްޖާގެ ކުށަކީ ކޮބައިތޯއެވެ؟ މިއީ ކުށެއްނެތް ކުއްޖަކަށް އޭނާގެ މުޅި ޢުމުރުގައިވެސް ދެވޭ ކިހާ ބޮޑު އަނިޔާއެއްތޯއެވެ؟ ބައެއްގެ ލާއިންސާނީ ޢަމަލެއްގެ ނާތީޖާ ދެއްތޯއެވެ! މިފަދަ ލާއިންސާނީ ޢަމަލެއް ހިންގި ބަޔެއްގެ ގައިގައި 100 އެތިފަހަރު ޖެހުން އެއީ ލާ އިންސާނީ ޢަމަލެއް ކަމަށް ބުނެވިދާނެހެއްޔެވެ؟

ނެދަރލޭންޑްސް ގެ ދަ ހޭގް ގައި ހުންނަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ރައީސް 1967ވަނަ އަހަރު ވިދާޅުވެފައިވަނީ ”ބައެއް ކަހަލަ ކުށްތަކަކީ ބޮޑެތި އަދަބު ދޭންޖެހޭ ކުށްތަކެވެ. މިގޮތުން މިފަދަ ކުށްތަކަށް އަރައިގަންނަ މީހުންގެ ގައިގައި ހައްދު ޖެހުމަކީ ލާއިންސާނީ، އަނިޔާވެރި، އަދި ރަޙުމްކުޑަ ކަމެއްވެސް ނޫނެވެ“

އަދި ޙައްދު ޖަހާއިރު އެހާ ބާރަށް ނުތެޅުމާއި ތަޅަން ހުންނަ މީހާގެ ކީލިފަތަށް ވުރެ މައްޗަށް އަތް ނުއުފުލުމާއި ގިނައިން މަސް ހުންނަ ތަންތާންގައި ތެޅުމާއި، ސިފަ ހުތުރު ވެދާނެތީ މޫނު ފަދަ ތަންތަނުގައި ތެޅުން މަނާކުރުން ފަދަ އެތައް އުޞޫލްތަކެއް ކަނޑައަޅުއްވާފައިވާކަމަށް މަދީނާ މަޝްހޫރު ޢިލްމުވެރިއެއްކަމަށްވާ ޝޭޚް މުނައްޖިދް ވިދާޅުވެފައިވެއެވެ

~ ދީނީ ޢިލްމުވެރިންގެ ބަސް

ޖަޒީރާ އާއި ވާހަކަދައްކަވަމުން އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ ޝޭޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ ހައްދު ޖެހުމާއި ދެކޮޅަށް ވާހަކަދައްކާ ފަރާތްތަކުން އެފަދަ ވާހަތައް ދައްކަނީ އިސްލާމް ދީނުގައި ކަން އޮތްގޮތް ނޭނގޭތީކަމަށެވެ. އަދި އެމީހުންގެ ބޭނުމަކީ ލާދީނީ ހުޅަނގުގެ ގޮތްތައް އަހަރެމެންގެ ތެރެއަށް ގެނައުންކަމަށެވެ.

ޖަމްޢިއްޔަތުއްސަލަފްގެ ރައީސް އައްޝޭޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވީ މިއީ މާތް ﷲ ކިރިތީ ޤުރުއާނުގައި ޞަރީޙަ ޢިބާރާތުން އީމާންވާ މީސްތަކުންގެ މައްޗަށް އަންގަވާފައިވާ ޙުކުމެއް ކަމަށާއި މިކަމާއި ދެކޮޅު ހެދޭނެ އެއްވެސްގޮތެއް ނެތް ކަމަށެވެ. ”ޙުކުމް ޤާއިމް ކުރަން މިޖެހެނީ އީމާންވާ މީސްތަކުންގެ މައްޗަށް، ޙަޤީޤަތުގައި މިމީހުންގެ މަޤްޞަދަކީ ކޮންމެހެން އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކުރުމެއް ނޫން. މިމީހުންގެ މަޤްޞަދަކީ އިސްލާމް ދީނާއި ޤުރުއާނަށް ފުރައްސާރަކުރުން، އަޅުގަނޑުމެން ހިތާމަކުރަންޖެހޭ ޒިނޭ ކުރުން މިހާ އާއްމުވެފައިވާތީ، ދެން އެ ވިދާޅުވަނީ ރާއްޖޭގައި އިސްލާމީ ޝަރިޢަތުގެ އެހެން ޙުކުމްތައް ތަންފީޒެއް ނުކުރެއޭ. ޙަޤީޤަތުގައި އެހެން ޙުކުމްތައްވެސް ތަންފީޒު ކުރަން ޖެހޭނެ. ނަމަވެސް އެއް ކަންތައް ނުކުރެވުނީމަ އޭގެ މާނަ އަކީ އަނެއް ކަންތައް ދޫކޮށްލާށެކޭ ނޫން“ ޝޭޚް ޢަބްދުﷲ ވިދާޅުވިއެވެ. ޝޭޚް ޢަބްދުﷲ ވިދާޅުވީ އަހަރެމެންނަކީ އީމާންވާ މީހުން (މުސްލިމުން) ކަމުގައިވާނަމަ އަހަރެމެން ޙުކުމް ޤާއިމް ކުރަން ޖެހޭ ކަމަށެވެ.

~ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާމީހުންނަށް އަދަބު ދިނުމަށް ގޮވާލާ ހިނދު

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާމީހުންނަށް ހަރުކަށި އަދަބު ދިނުމަށް އަހަރެމެން އެންމެން މިދަނީ ގޮވާލަމުންނެވެ. އަދި އަހަރެމެންގެ ތެރޭގައި މިކަންތައް މިހާ އާއްމުވެފައިމިވަނީ ކުށްވެރިންނަށް ހަރުކަށި އަދަބު ނުދޭތީކަމަށް ގިނަބަޔަކު އެއްބަސްވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި މި މައްސަލައިގައި ބަހުސް ކުރެވުނުއިރުވެސް، އަދި ގިނަ އާއްމުންވެސް ފާހަގަ ކުރާގޮތުގައި މައްސަލަ އޮތް ޙައްލަކީ އިސްލާމް ދީނުގައި އޮތް އަދަބު މި ކަމުގެ ކުށްވެރިންނަށް ދިނުމެވެ.

މިފަދަ ދަނޑިވަޅެއްގައި ޒިނޭކުރާ މީހުންގައިގައި ހައްދު ޖެހުން ހުއްޓާލުމަށް ބާރުއަޅާ ބައެއް މީޑިއާތަލުން ލާދީނީ ޕްރޮޕެގެންޑާތައް ފަތުރަމުންދާކަމީ ނިހާޔަތަކަށް ހިތާމަހުރިކަމެވެ. މިކަމަކީ ފާޙިޝް ޢަމަލްތަކަށް ދެވޭ ހިތްވަރެކެވެ. މުސްލިމް ޤައުމެއްގެ ޖުވާން ޖީލު އިތުރަށް ގެއްލެނިވިކޮށްލަން ޣައިރު މުސްލިމުމް ރާވާ ރޭވުންތަކެވެ.

2 comments:

  1. mi font kiyan varah undhagoo:S

    ReplyDelete
  2. Evves shakkeh nei thikamuga. Thee hama e kaafarunge nubai reyvun. Mithaa mihaaru gaaim kurevey hama ekani hahdhakee ves kaivenyakaa nulaa kuraa zineyge hahdhu ekani kanneynge. Eves dhen gaaim nukuraanama kobaa salaamatheh? Mujthamau fasaadha vamun gos miothy aneh athah alhaafa. Islamee Shariah gaaim koggen nooney mujthamau rangalheh nuvaane kan yageen.

    ReplyDelete