Thursday, May 28, 2009

ބޭނުންވަނީ އިޞްލާޙު ހެއްޔެވެ؟ ނޫނީ ފުރައްސާރަކުރުމާއި ބައިބައިވުންހެއްޔެވެ؟
ޢަބްދުލްޤާދިރު މުޙައްމަދު / ހއ. އިހަވަންދޫ


ޙަމްދާއި ޝުކުރުކުރަނީ ޢާލަމްތަކުގެ ވެރި ﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ. ޞަލަވާތާއި ސަލާމްލެއްވުން އެދިދުޢާ ކުރަނީ އެއިލާހުގެ އަޅާ އަދި ރަސޫލާ މުޙައްމަދުގެފާނަށެވެ.

އެތަކެއްޒަމާންވީ ކަސްތަޅުތަކަކަށް ފަހު ދިވެހީންގެ މުޖުތަމަޢު މިއަދު ވެފައި މިވަނީ މިނިވަންވެ ވީއްލިފައިވާ މުޖުތަމައަކަށެވެ. ހުރިހާދާއިރާ އަކުންވެސް މެއެވެ. ހަމަ މިބީދައިން އިހަވަންދޫގެ މުޖުތަމަޢަކީވެސް މިކަމުގެ އަސަރުތައް ފޯރާފައިވާ މުޖުތަމައެކެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. އިހަވަންދޫގެ މުޖުތަމަޢަކީ މުޅި ހއ. އަތޮޅުގެވެސް އެންމެހޭލުންތެރި މުޖުތަމަޢެވެ. ތަޢުލީމީގޮތުން މުޅި އަތޮޅުގެ އެއްވަނައެވެ. އަޚްލާޤީ ގޮތުންވެސް އެންމެފާހަގަ ކޮށްލެވޭރަށެވެ. ވޭތުވެދިޔަ 30 ހަކަށް އަހަރު ސަރުކާރުން މާބޮޑެތި އަޅާލުންތަކެއްނުލިބުނު ކަމުގައިވީނަމަވެސް ރަށުގެ ރައްޔިތުންގެ ބުރަމަސައްކަތުން ވަނީ އިހަވަންދޫ މިހާހިސާބަށް ގެނެސްދީފައެވެ. ގަދަހިއްވަރާއެކު އެއްބައިވަންތަކަމާއެކީގައި ކުރިމަސައްކަތުންނެވެ.

ނަމަވެސް މިއަދުމިވަނީ މިކުލަވަރު ބަދަލުވާންފަށާފައެވެ. ކުރިއަރަމުންދިޔަ މުޖުތަމަޢު އަޑިގަނޑަކާދިމާލަށް މިސްރާބުޖަހާފައެވެ. އަޚްލާޤީ ޢިޖުތިމާޢީ އެތައްބަލިތަކެއްވަނީ މުޖުތަމަޢުގައި ފެތުރެންފަށާފައެވެ. އެކުވެރިކަމާއި އެކު ރަށުގެ ތަރައްޤީއަށް މަސައްކަތްކުރުމުގެ ރޫޙުވަނީ ނެތިދާންފަށާފައެވެ. ނަމަވެސް މިކަންތަކާއިމެދު ވިސްނަނީ ކާކުތޯއެވެ؟ ނޫނީ މިކަމަށް ހައްލެއްގެނެވޭތޯ މަސައްކަތްކުރަނީ ކާކުތޯއެވެ؟ މިކަމާ ވިސްނަން ތިބީ އަޅުގަޑުމެންނޫން ދެން އެހެން ކޮންބައެއްތޯއެވެ؟

އަޚްލާޤީ ގޮތުންވެސް މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢު ވަނީ ބަލިކަށިވާން ފަށާފައެވެ. ކުދިންގެ ބަރަހަނާފޮޓޯފަދަ ތަކެތި ވަނީ އާއްމުވާންފަށާފައެވެ. އިޖުތިމާޢީ ބޮޑެތިބަލިތަކާއި ފާހިޝް އެތައް ޢަމަލުތަކެއްވަނީ އާއްމުވާންފަށާފައެވެ. ދޮގުހެދުމާއި ޣީބަބުނުމާއި ފުރައްސާރަކުރުމާއި ހުތުރުބަހުން މުޚާޠަބުކުރުންވަނީ ''ހޮބީ'' އަކަށް ވެފައެވެ. މުޅިމުޖުތަމަޢު ބައިބައި ވުމުގެ އެންމެބޮޑުއަސްލަކީ މިއީއެވެ. އާދޭހެވެ! ބައިބައި ވުމަކީ ތަނެއް އަދަވަޅަކަށްވެއްޓޭނޭ އެންމެބޮޑު ސަބަބެވެ.

އެކިއެކިދުވަސްވަރު އެކިއެކިމީހުންގެ އަބުރާބެހި ފުރައްސާރަކޮށްފައިވާ ލިޔުންތައް ރަށުގެ އެތަންމިތަނަށް އެޅުމަކީ އާދައަކަށްވެފައިވާ ކަމެކެވެ. މީހުނަށްކުރެވިފައިވާ ކުއްތައްހޯދާ އެތަކެތިހާމަކޮށް މީހުންފަޟީހަތްކޮށްފައެވެ. ނުވިތާކަށް އެތައްދޮގުވާހަކަތަކެއްލިޔެ އަޑުއިވޭ ކޮންމެވާހަކައެއް އޭގެ އެއްވެސް ހަޤީޤަތެއްބަލާލުމެއްނެތި ލިޔެ މިފަދަ ލިޔުންތައް ދަނީއަޅަމުންނެވެ. އަދި މިފަދަތަކެތި އޭގެ އެއްވެސް ''އަތެއް'' ނުވާފަރާތްތަކަށް ދަނީ ނިސްބަތްކުރަމުންނެވެ.

އަޅުގަނޑުމެންނަށް ލިބިފައިވާ ޙިޔާލުފާޅުކުރުމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން ކަންކަން އިސްލާހުކުރުމުގެ ނަމުގައި ތަފާތު ސައިޓުތަކާއި ބުލޮގުތައްހަދާގެން މިކަން ކުރަމުންދަނީ ވަރައްކެރިތިބެގެންނެވެ. ތިމާމެންހާވަރުގެ ބަޔަކުނެތިގެންނެވެ. އާދެ، މިނޫންގޮތަކަށް މިކަންކުރާބަޔަކު އުޅޭކަމުގައިވާނަމަ އެފަދަބަޔަކަށްވެސް ދަނީ ސީދާގޮތުންނާއި ނުސީދާ ގޮތުން ފުރައްސާރަކުރަމުންނެވެ.

އަދި ދަންނަވަންތޯއެވެ. މިވަރުންފުދުނީކީ ނޫނެވެ. މިފަދަލިޔުންތަކުގައި ﷲ ސުބުޙާނަހޫވަތަޢާލާ އަށާއި އެ އިލާހުގެ ރަސޫލާ އަށްފުރައްސާރަކުރެވޭ އިރުވެސް މިމީހުން މިވަރު ނުދަނެއެވެ. އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ ކަންތައް ކުރަމުން މިދަނީ މުޖުތަމަޢު އިޞްލާހުކުރުމުގެ ނަމުގައެވެ. އެދީނުގައި އަންގަވާފައިވާ ގޮތާޚިލާފަށް މިކަންކުރުމުން އިސްލާހުވާނޭ ހެއްޔެވެ؟ ހަމަ ކަށަވަރުންވެސް ނުވާނެއެވެ.

ފުރައްސާރަ ކުރުމާއި، މަލާމާތްކުރުމުން ދުރުވެގަތުމަށް ﷲސުބުޙާނަހޫ ވަތަޢާލާ އަންގަވާފައިވެއެވެ. އިސްލާމީ ޖަމާޢަތުގެ އިޖުތިމާޢީ ޙާލަތު ބައްޓަން ކުރަންޖެހޭ ގޮތް ވަރަށްފުރިހަމަ އަށް ބަޔާންކުރައްވާފައިވެއެވެ. އަލްހުޖަރާތު ސޫރަތުގައި ﷲސުބުޙާނަހޫ ވަތަޢާލާ އަންގަވާފައިވަނީ ''މުއުމިނުން ވާކަންކަށަވަރީ އަޚުންތަކެއްކަމުގައެވެ. ފަހެތިޔަބައިމީހުންގެ ދެއަޚުންގެ ދެމެދު ތިޔަބައިމީހުން ޞުލްޙަ ކުރާށެވެ! އަދި ތިޔަބައިމީހުންނަށް ރަޙްމަތްލެއްވުމަށްޓަކައި ތިޔަބައިމީހުން މާތް ﷲގެ ކިބައަށް ތަޤްވާވެރިވާށެވެ. އޭއީމާންވީ މީހުންނޭވެ! ފިރިހެނުންގެ އެއްބައަކު އަނެއްބައަކަށް ފުރައްސާރަ(މަލާމާތް) ނުކުރާހުށިކަމެވެ. އެފުރައްސާރަކުރި މީހުންނަށްވުރެ ފުރައްސާރަކުރެވުނު މީހުން(މާތް ﷲ ގެ ޙަޟްރަތުގައި) މާ ހެޔޮކަން ބޮޑުބަޔަކު ކަމުގައި ވެދާނެއެވެ. އަދި އަންހެނުން އެއްބައަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ. އެފުރައްސާރަކުރި މީހުންނަށްވުރެ އެފުރައްސާރަ ކުރެވުނު މީހުން(ﷲ ގެ ޙަޟްރަތުގައި) މާ ހެޔޮކަން ބޮޑު ބައަކު ކަމުގައި ވެދާނެއެވެ. އަދި ތިއަބައިމީހުންގެ އެއްބަޔަކު، އަނެއްބަޔަކަށް ޢައިބު ނުކިޔާށެވެ. އަދި، އެއްބަޔަކު އަނެއްބައަކަށް ނުރުހޭކަހަލަ ލަޤަބުތަކުން ނުގޮވާށެވެ! އީމާން ވުމަށްފަހު މިނަންގަނެވުނު ކަންތައްކުރުމުން ފާސިޤުވުމަކީ ނުބައިކަން ބޮޑުވެގެންވާ ކަމެކެވެ. އެކަންތަކުން ތައުބާނުވިމީހުންނަކީ ހަމަ އަނިޔާވެރީންނެވެ. އޭއީމާންވީ މީހުންނޭވެ! ތިޔަބައިމީހުން ގިނަ ހީތަކާ ދުރުވެގަންނާށެވެ! އަދި ހަމަ ކަށަވަރުން ބައެއް ހީއަކީ ފާފައެކެވެ. އަދި، ތިއަބައިމީހުން އެކަކު އަނެކަކަށް ޖާސޫސު ނުކުރާށެވެ! އަދި އެއްބައަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ. ތިޔަބައި މީހުންގެ ތެރެއިން އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބި ކުރާނެ ހެއްޔެވެ؟ ތިޔަބައިމީހުން އެކަމަށް ނުރުހޭނެތެވެ. (ޣީބަ ބުނުމަކީ ހަމަ އެފަދަ ކަމެކެވެ.) އަދި ދިޔަބައި މީހުން (އެކަންތަކުގެ ޢިޤާބަށް ބިރުވެތިވެ) މާތް ﷲ ގެ ކިބަފުޅަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން މާތް ﷲ އީ ތައުބާ ޤަބޫލް ކުރަށްވާ ރަޙީމު ވަންތަ ރަސްކަލާންގެ އެވެ."

ކޮންމެ އަކަސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މާތްވެގެންވާ އިސްލާމްދީނުގައި ވަނީ އަޚްލާޤީ މިންގަނޑެއްގެ ތެރޭގައެވެ. ވަކިއިމެއްގެ ތެރޭގައެވެ. ވަކި އުޞޫލުތަކެއްގެ ދަށުން އެކަން ކުރުމަށް ބާރު އަޅާފައެވެ. މިގޮތުން ފާޅުކުރެވޭ ހިޔާލުތަކާއި ލިޔެވޭ ލިޔުންތައްވާންޖެހޭނީ މި އޮނިގަޑަށްފެތޭ އެއްޗަކަށެވެ. ވަކިބަޔަކު ބަދުނާމުކޮށް އަނެއްބަޔަކު ކުރިއެރުވުމަށްޓަކާ ކުރެވޭކަމަކަށް މިކަންވެގެން ނުވާނެއެވެ. މުޖުތަމަޢު އިޞްލާޙު ކުރުމުގެ ނަމުގައި ލިޔެވޭ ލިޔުންތަކުން ފަހަރެއްގައިވެސް ޖަމާޢަތުގެ ތެރޭގައި ފަސާދަ އުފެދި، ޢާއްމު މަޞްލަޙަތަށް ބުރޫ އަރާފަދަ ކަމެއް ވެގެންނުވާނެއެވެ. އޭރުން ޚިޔާލު ފާޅުކުރުމުގެ މަޤްޞަދު ގެއްލި ހިނގައިދާނެއެވެ.

މީގެ މާނައަކީ ވަކި ބަޔަކު އަމިއްލަ ފައިދާއަށްޓަކައި މުޖުތަމަޢަށް ގެއްލުންވާހެން ކުރާ ކަންކަމަށް ފާޑު ނުކިޔާ ވާހަކައެއްނޫނެވެ. މިގޮތަށްކުރާކަންތަކުގެ ސަބަބުން މުޖުތަމައަށްގެއްލުންވާ ކަމުގައިވާނަމަ އެފަދަ ބަޔަކަށާއި، އެފަދަ ކަންކަމަށް ފާޑު ކިޔަން ވާނެއެވެ. އެއީ އެބައިމީހުންނާއި އެބައިމީހުން ކުރާ އެކަންތައްތައް އިޞްލާޙު ކުރުމަށްޓަކައެވެ. ނަމަވެސް މިފަދައިން ފާޑު ކިޔަންވާނީ ވެސް ޢަދާވާތްތެރިކަން މުޖުތަމަޢުގައި ނުފެތުރޭ ގޮތެއްގެ މަތިންނެވެ. އިސްލާމީ ގިއުގަޑުގެތެރޭންނެވެ. އާދެ، ޢަދާވާތްތެރި ކަމެއް، ޙަސަދައެއް އަދި ޒާތީ މަޤްޞަދުތަކެއް ޙާސިލްކުރުމުގެ ބޭނުމުގައެއް ނޫނެވެ.

މިގޮތަށް ފާޑުކީ ކަމުގައިވިޔަސް ފާޑުކިޔަންވާނީ މީހުންކުރާކަންކަމުގެތެރެއިން މުޖުތަމައަށް ގެއްލުންވާ ކަންކަމަށެވެ. އަމިއްލަޒާތީ ކަންކަމަކަށްނޫނެވެ. އެފާޅުކުރެވޭ ޙިޔާލަކީ އިޚްލާޞްތެރިކަމާއި އެކު ފާޅުކުރެވޭ ޙިޔާލަކަށްވާންވާނެއެވެ. އަދި ކަމަކަށް ޙިޔާލުފާޅުކުރާއިރު އެކަމަކީ ކަނޑައެޅިގެން ހިގާފައިވާކަމެއްކަން ޔަޤީންކުރަންވާނެއެވެ. ޔޯލަޔޯލައަށް ބިނާވެފައިވާކަމަކަށް ވެގެންނުވާނެއެވެ. ކަނޑައެޅިގެން ދޮގުވާހަކަތައްލިޔެ މީހުންގެ ޢިއްޒަތާއި އަބުރު ވެއްޔާމޮޑެވުނަދީގެން ނުވާނެއެވެ. ތިމާގެ ޢިއްޒަތާއި އަބުރުވެސް ރައްކާތެރިކުރުމަށް އެދޭފަދައިންނެވެ.

ލޮބުވެތި އަޚުންނޭވެ! މިހުތުރު އާދަ ދޫކޮށްލަމާހިގާށެވެ. ރީތިގޮތުގައި މުޢާމަލާތުކުރަމާހިގާށެވެ. މަޢްލޫމާތުފެތުރުމަށް ލިބިފައިވާ މިނިވަންކަމުގެ ބޭނުން ހެޔޮގުގައި ހިފަމާ ހިގާށެވެ. އިސްލާމްދީނުގެ ގިއުގަނޑުގެތެރެއިން މިކަންކުރަމާ ހިގާށެވެ. ފުރައްސާރަކުރުމާއި ބައިބައިކުރުމުގެ ބަދަލުގައި އިޞްލާޙުކުރަމާ ހިގާށެވެ. މީހުނާއި ބެހުމުގެ ބަދަލުގައި އެކުވެރިކަމާއި އެކު އެކުވެގެން އެމީހުންކުރާކަންތަކުގައިވެސް ފައިދާހުރިކަމެއްނަމަ އެހީވެދީގެން ކުރިއަށް ފިޔަވަޅު އަޅަމާހިގާށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވާފަދަ ފުރިހަމަ މުސްލިމުންކަމުގައި ވަމާހިގާށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވާފައިވާ ބަސްފުޅެއްގެމާނާގައިވަނީ "ފުރިހަމަ މުސްލިމަކީ ތިމާގެ އަތުގެނުބައިކަމުންނާއި ދުލުގެނުބައިކަމުން އެހެނިހެންމުސްލިމުން ސަލާމަތްވެފަވާމީހާއެވެ."

ތަނެއްނުދީފަސާދައަށް އަބަދުއެކީ ހިގާށެވީ
އަޚުންތަކަށްޖެހޭދަތީން އެކީއެކަށް ފަސޭހަދޭން

No comments:

Post a Comment