Friday, May 1, 2009


ފަހުބަސް .....
ޤުނޫތު އާއިމެދު .....
އަބޫބަކުރު އިބްރާހިމް ޢަލީ (ބަކުރުބެ)
....... ކުރީ ބަޔާ ގުޅޭ

ދެން އޮތް އަނެއް މައްސަލައަކީ ފަތިސްނަމާދުގައި ދާއިމީ ގޮތެއްގައި ނަމާދުގެ ބައެއްކަމުގައި ހަދައިގެން އެ ޤުނޫތު ކިޔާމީހުން އެކުރާކަމަކީ ބިދްޢަތެކޭ ބުނާ މައްސަލައެވެ. ނަމާދުގެ ބައެއްކަމުގައި ހަދައިގެންނޭ އަޅުގަނޑު މިދަންނަވަނީ ޤުނޫތު ނުކިޔުނީމާ ކުށުސަޖިދަ ކުރާވާހަކައެވެ. އެހެންކަމަށްވަންޏާ ނަމާދުގެ ބަޔަކަށް ވީއެވެ. އެމައްސަލަ މިއޮތީ މާ ސާފުކޮށް އެނގޭށެވެ. އައްސަވާށެވެ. އަދި ކިޔުއްވާށެވެ. ނުވަތަ ވިދާޅުވާށެވެ.

أخبرنا قتيبة عن خلف وهو إبن خليفة عن أبي مالك الأشجعي عن أبيه قال: "صليت خلف رسول الله صلى الله عليه وسلم فلم يقنت وصليت خلف عمر فلم يقنت وصليت خلف عثمان فلم يقنت وصليت خلف علي فلم يقنت" ثم قال "يا بني إنها بدعة" (سنن النسائي ގެ ދެވަނަ މުޖައްލަދުގެ الجزء الثاني ގެ ص 204- طبع: دار إحياء التراب العربي بيروت)

މާނައީ: އަބޫ މާލިކުލްއަޝްޖަޢީ އެކަލޭގެފާނުގެ ބައްޕަ އަރިހުން ރިވާކުރައްވާ ވިދާޅުވިކަމަށް ޚަލްފުގެ އަރިހުން ޤުތައިބަތު އަހުރެމެންނަށް ޚަބަރު ދެއްވިއެވެ. އެޚަލްފު އެއީ އިބްނު ޚަލީފަތެވެ. މާލިކުލްއަޝްޖަޢީގެ ބައްޕަ ވިދާޅުވިއެވެ. "ރަސޫލު الله صلى الله عليه وسلم ގެ ފަހަތްޕުޅުގައި އަހުރެން ނަމާދު ކުރީމެވެ. އެކަލޭގެފާނު ޤުނޫތު ވިދާޅުނުވެއެވެ. އަދި އަބޫބަކުރުގެފާނުގެ ފަހަތްޕުޅުގައި އަހުރެން ނަމާދު ކުރީމެވެ. އެކަލޭގެފާނު ޤުނޫތު ވިދާޅުނުވެއެވެ. އަދި ޢުމަރުގެފާނުގެ ފަހަތްޕުޅުގައި އަހުރެން ނަމާދު ކުރީމެވެ. އެކަލޭގެފާނު ޤުނޫތު ވިދާޅުނުވެއެވެ. އަދި ޢުޘްމާނުގެފާނު ފަހަތްޕުޅުގައި އަހުރެން ނަމާދު ކުރީމެވެ. އެކަލޭގެފާނު ޤުނޫތު ވިދާޅުނުވެއެވެ. އަދި ޢަލީގެފާނުގެ ފަހަތްޕުޅުގައި އަހުރެން ނަމާދު ކުރީމެވެ. އެކަލޭގެފާނު ޤުނޫތު ވިދާޅުނުވެއެވެ". ދެން ވިދާޅުވިއެވެ. "އޭ ދަރިފުޅާއެވެ. އެއީ ބިދުޢައެކެވެ". މިއެވެ. (އައްނަސާއީ މި ޙަދީޘް ގެންނަވާފައިވަނީ ޤުނޫތު ދޫކޮށްލުމުގެ ބާބުގައެވެ).

ދަންނައެވެ! ފަތިސްނަމާދުގައި (ދާއިމީގޮތެއްގައި) ޤުނޫތު ކިޔުން އެއީ ބިދުޢައެކޭ ވިދާޅުވެފައި އެވަނީ އަޞްޙާބު ބޭކަލެކެވެ. އެއީ އިސްލާމްދީނުގެ ރަންޒަމާނުގެ ރަންމެޑެލް ލިބުނު ބޭކަލުންގެ ބޭކަލެކެވެ. ސަތޭކައިން ސަތޭކަ ލިބިގެން ތައުބާ ސޫރަތުގެ ސަތޭކަ ވަނަ އާޔަތުގައި އެބޭކަލުންނަށް ﷲ މަދަޙަ ވަޙީ ކުރެއްވި އަޞްޙާބުންގެ ބޭކަލެކެވެ. "رضي الله عنهم" މިފަދައިން ބަސްފުޅު އައިސްފައިވާ ބޭކަލުންގެ ބޭކަލެކެވެ. ޢަދުލުވެރިންކަމުގައި މާތް ރަސޫލާ ވިދާޅުވި ބޭކަލުންގެ ލިސްޓުގެ ބޭކަލެކެވެ.

އެކަލޭގެފާނު، އެއީ ބިދުޢައެކޭ ވިދާޅުވީމާ ދެން އަހުރެމެން އެއީ ބިދުޢައެކޭ ނުކިޔައި ސުންނަތެކޭ ކިޔަންވީހެއްޔެވެ؟ އެހެން ނުވާނެއެވެ. އެއީ އުޅައްގަނޑުގައި ރަތް ލާޖެހި ބިދުޢައެކެވެ. އެހެންނާފަހެ އަޞްޙާބު ބޭކަލުންކުރެ ބޭކަލަކު އެއީ ދޮގެކޭ، އަނެއްބޭކަލަކު އެއީ ބިދުޢައެކޭ ވިދާޅުވީމާވެސް ދެން އެކަމަކީ ސުންނަތެއްކަމުގައި އަހުރެމެން ހެދީމައި، އަޞްޙާބުންނަށްވުރެ އަހުރެމެން މާ މާތްވެފައި ދެނެގަތުން ބޮޑެވެ. އެއީ މުސްތަޙީލު ކަމެއްކަމުގައި ފެނެއެވެ.

އެކަމަކު އަހަރެމެންގެ ދިވެހި ބައެއް ހަރުދަނާ ޝައިޚުން ވިދާޅުވަނީ އެސިފައިގައި ޤުނޫތު ކިޔުން އެއީ ބިދުޢައެކޭ ނުބުނެވޭނެއެވެ. ނަމަވެސް އަޞްޙާބުންނަށްވުރެ މަތިވެރި ނުވުން އެދެވިގެން ވެއެވެ.

އަދި މުސްނަދު އަޙްމަދު ގެ ޝަރަޙަ ކަމުގައިވާ ފަތްޙުއްރައްބާނީ ގައި 707 ވަނަ ޙަދީޘްގެ ޝަރަޙައިގެ ދަށުގައި ލިއުއްވާފައި ވެއެވެ. އައްދާރުޤުޠްނީ އާއި އަލްބައިހަޤީގައި ވެއެވެ. "إن القنوت في صلاة الصبح بدعة" ޔަޢްނީ: ފަތިސްނަމާދުގައި ޤުނޫތުކިޔުމަކީ ބިދުޢައެކެވެ.

ސަޢުދު ބްނު ޠާރިޤްގެ ޙަދީޘްގައި ވަނީ ".... أي بني محدث ...." މިހެންނެވެ. މި މުޙްދަޘްގެ ލަފްޡު، ބިދުޢައާ ހަމަ އެއްމާނައެކެވެ. އަދިވެސް އެއީ ބިދުޢައެއްކަމަށް ވިދާޅުވާ ކިތަންމެ ރިވާޔަތެއްވެއެވެ. ލިޔާން ދިގުވެފައި ކިޔާން ވަގުތު ގިނަވާތީ ދޫކޮށްލީއެވެ. ބުއްދިވެރިންނަށް އިޝާރާތުންވެސް ފުދޭނެއެވެ.

ނަތީޖާ

މިލިޔެވުނު ވާހަކަ ކޮޅުގެ ނަތީޖާއެއް އޮންނަންވާނެއެވެ. އެއީ ދެތިން ނުގުތާއެކެވެ.

1- ފަތިސްނަމާދުގައި އެނަމާދުގެ ބައެއްގެ ގޮތުގައި ހަދައިގެން ދާއިމީގޮތެއްގައި ޤުނޫތު ކިޔުން ރަސޫލު الله صلى الله عليه وسلم ގެ އަރިހުން ޘާބިތުނުވާކަން:

2- އެކަލޭގެފާނުގެ އަރިހުން ޘާބިތުނުވާކަމެއް އަޅުކަމުގެ ތެރޭގައި ކުރުމަކީ ބާޠިލު ކަމެއްކަން:

3- ފަތިސްނަމާދުގެ ބަޔަކަށް ހަދައިގެން ދާއިމީ ގޮތެއްގައި ފަތިސްނަމާދުގެ ފަހު ރަކްޢަތުގައި ޤުނޫތު ކިޔުމަކީ ބިދުޢައެއްކަމުގައި ބުނުން:

4- ނާޒިލާގައި (އެބަހީ: މުއުމިނުންނަށް ބޮޑެތި މުޞީބާތް ޖެހުނީމާ) ޤުނޫތު ކިޔުމަކީ ހުއްދަކަމެއްކަން – އަދި އެއީ އެދެވޭ ކަމެއްކަން – އަދި އެކަމަކީ ހުރިހާ ނަމާދެއްގައި ކިޔުން ހުއްދަ އެއްޗެއްކަން:

5- މަސްއޫލުވެރި ފަރާތުން މަސައްކަތް ކުރައްވައިގެން މަޝްރޫޢުނުވާ ޤުނޫތު މީސްތަކުން ކިޔުން ހުއްޓުވޭތޯ ނަޞީޙަތް ދިނުން އެދެވޭކަން:

وصلى الله وسلم على محمد وعلى آله وصحبه أجمعين!

ނިމުނީ

1 comment:

  1. ސަލާމް. މި ކޮމެންތަކީ މި ލިޔުމާ ނުގުޅޭ ކޮމެންޓް އެއް. އެކަމަކު އަޅުގަނޑަށް ޖަވާބު ދެއްވުން އެދެން. މި ބުލޮގް ގެ މަތީގައި އެވަނީ ނޫންތޯ ކުސެއް ވާނަމަ ފާހނގަ ކޮށް ދެއްވާށޭ ލިޔެފަ ހުރި ރަނިންގް ޓެކްސްޓް އެއް. އަޅުގަނޑަށް ބުނެދެއްވަފާނަންތޯ އެއީ ކިހިނެތް ލީ އެއްޗެއް ކަމާއި އެ ހޯދީ ކޮން ތާކުން ކަން. އެއީ އަޅުގަނދު ގެ ބުލޮގް ގައިވެސް އެފަދަ ވިޑްގެޓް އެއް ބެހެއްތުމުގެ ބޭނުމުގައި. އަޅުގަނޑަށް އޭގެ ޖަވާބު އީ-މެއިލް ކޮށް ދެއްވުން އެދެން. imaadhnasir@hotmail.com
    www.imaadh-bin-nasir.blogspot.com
    جزاكم الله خيرا

    ReplyDelete